430
0

އުނގޫފާރު ކުލީ ބިންތަކަށް އަލުން ކަރަންޓްގެ ހިދުމަތް ދިނުމަށް ކައުންސިލުން ބޮޑު އަދަދެއް ދައްކަންޖެހިއްޖެ

430
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ ބިންތައް ހުސްކޮށް އެތަންތަން އުނގޫފާރު ކައުންސިލާއި ހަވާލުކުރުމަށް ކައުންސިލުން ދީފައިވާ ނޯޓިސްގެ މުއްދަތު ރޭ 00:00 އަށް ވަނީ ހަމަވެފައެވެ. ކައުންސިލުން ދީފައިވާ މުއްދަތުގައި ބައެއް ފަރާތްތަކުން ބައެއްތަންތަން ހުސްކުރިނަމަވެސް އެއްވެސް ފަރާތަކުން ކައުންސިލާއި ތަން ހަވާލު ކޮށްފައެއްނުވެއެވެ.

ކައުންސިލުން ދިން މުއްދަތު ހަމަވީއިރު ބިންތައް ހަވާލުކޮށްފައި ނުވާތީ އާއި އަދި މިއަދުވެސް އެތަންތަނުގައި ވިޔަފާރި ކުރަމުންދާތީ ކައުންސިލުންވަނީ ފެނަކާގައި އެދިގެން ކުލީބިންތަކުން މިއަދު ހެނދުނު ކަރަންޓްގެ ހިދުމަތް ކަނޑާލާފައެވެ.

ބިންތަކުން ކަރަންޓްގެ ހިދުމަތް ކަނޑާލުމާއެކު އެބިންތަކުގައި ވިޔަފާރި ކުރަމުންދާ ބައެއްފަރާތްތަކުން ވަނީ ކައުންސިލު އިދާރަށްއަށް ގޮސްފައެވެ. އެފަރާތްތަކާއި ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާއެކު ކައުންސިލުންވަނީ ފެނަކާގައި އެދިގެން އަލުން ކަރަންޓްގެ ހިދުމަތް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފެނަކައިން ދެމުންގެންދާ ކަރަންޓްގެ ހިދުމަތް ކަނޑާލުމަށްފަހު އަލުން ގުޅައިދެވޭނީ އާކަނެކްޝަނެއްގެ ގޮތުގައި ފައްސަތޭކަ ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. އެގޮތުން 16 ކަނެކްޝަން ގުޅުމަށް އުނގޫފާރު ކައުންސިލުން އަށްހާސް ރުފިޔާ ފެނަކައަށް ދައްކަން ޖެހޭނެއެވެ.

ބިންތަކުގެ ކަންތަކުގައި ކައުންސިލާއި ބިންތަކުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކާއި ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ އިރު ކައުންސިލުން ކުއްލިކުއްލިއަށް ނިންމާ މިފަދަ ކަންކަމުން ގެއްލިގެންދާ ފައިސާ އާއި އަދި ކައުންސިލުން ބިންތައް ބިޑުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ސްޕީޑް ލަސްވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުންވެސް ވަނީ ވަރަށްބޮޑުވެފައެވެ.

ބިންތައް ހުސްކުރުމަށް ކައުންސިލުން އެތަކެއްފަހަރު ބިންތަކުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ނޯޓިސް ދީފައިވާއިރު މިއަދާ ހަމައަށް އެނޯޓިސްތަކަށް އެފަރާތްތަކުން އަމަލުކޮށްފައެއްނުވެއެވެ. މިބިންތަކުގެ މައްސަލަ ބިންތައް ކުއްޔަށް ނަގައިގެންތިބި ފަރާތްތަކުން ބަދަލުހޯދުމަށް ކޯޓަށްވެސް ހުށައެޅިއެވެ. ޝަރުއީ އެންމެ ފަހުމަރުހަލާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނިންމާފައިވަނީ މިހާރު ބިންތައް ކުއްޔަށް ހިފައިގެން ތިބިފަރާތްތަކުގެ މުއްދަތު ހަމަވެގެން މިބިންތައް ވަކިކުރާއިރު އުނގޫފާރު ކައުންސިލުން އެއްވެސްކަހަލަ މާލީ ބަދަލެއް ދޭން ނުޖެހޭނެ ކަމަށެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *