ރ. އުނގޫފާރުގައި ބާއްވާ ކުޅިވަރުގެ އެންމެ ފޯރިގަދަ އެއް މުބާރާތް ކަމަށްވާ އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025 އަށް އުންގޫފާރުގެ ފުޓްސަލް ޓީމުތައް ތައްޔާރުވަމުން އަންނަ އިރު، މި މުބާރާތުގައި ބައިވެރިވާ ކޭޑީ އެފް ޓީ އިން މިވަނީ އާ ތަޖުރިބާތަކާއެކު، ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދީގެން މައިދާނަށް ނިކުތުމަށް ތައްޔާރުވެފައެވެ.
ކޭޑީ އެފް ޓީ އަކީ އުނގޫފާރުގެ އެކުވެރި ރައްޓެހި ގުޅުމެއްގެ ތެރެއިން 2016 ވަނަ އަހަރު ރަސްމީކޮށް އުފެދިގެން އައި ޓީމެކެވެ. އުފެދުނީއްސުރެ ރ. އުނގޫފާރުގެ ފުޓްސަލް މައިދާނުގައި ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ މި ޓީމަކީ އެތައް ކާމިޔާބީއެއް ހާސިލްކޮށްފައިވާ ޓީމެކެވެ.
މިހާތަނަށް ކޭޑީ އެފް ޓީ ބައިވެރިވެފައިވާ މުބާރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއްވެއެވެ.
- 2019 ވެސްޓްބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް: މި މުބާރާތުގެ ޗެމްޕިއަންކަން ކޭޑީ އެފް ޓީ އިން ހޯދާފައިވަނީ ފައިނަލްގައި ޑިކްޓޭޓާސް ޓީމް 3-4 އިން ބަލިކޮށެވެ. މި މުބާރާތުގައި ކޭޑީ ޓީމަށް ކުޅެފާވަނީ ސަތޭކަ ޕަސެންޓް އުނގޫފާރު ކުޅުންތެރިންނެވެ.
- 2020 ލެވިސްޓާ ޔޫ ސީ ސީ ފުޓްސަލް ޗެލެންޖް: މި މުބާރާތުގެ ސެމީފައިނަލުން ކޭޑީ ބަލިވީ ޑިކެޑްސް ޓީމާ 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ.
- 2020 ވެސްޓްބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް: މި އަހަރުވެސް ކޭޑީ ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.
- 2021 އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް: މި މުބާރާތުގެ ރަނަރަޕްކަން ކޭޑީ އެފް ޓީ އިން ހޯދާފައިވަނީ ފައިނަލްގައި ޑިކެޑްސް ޓީމް 3-1 އިން ބަލިކޮށެވެ.
- 2023 އޮރި އަންޑަރ 18 ފުޓްސަލް ޗެލެންޖް: މި މުބާރާތުގެ ޗެމްޕިއަންކަން ކޭޑީ އެފް ޓީ އިން ހޯދީ ފައިނަލްގައި އޮރި ލަޔަންސް ޓީމް 4-2 އިން ބަލިކޮށެވެ.
- 2024 އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް: މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ސެމީފައިނަލުން ކޭޑީ ބަލިވީ ޑިކެޑްސް ޓީމާ 1-0 އިންނެވެ.
މިރޭ ފެށުމަށް ހަމަޖެހިފައިވާ އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025 ގެ ފުރަތަމަ މެޗަށް ކޭޑީ އެފް ޓީ އިން ނިކުންނަނީ ވަރަށް ޒުވާން ކުޅުންތެރިން ތަކަކާއެކުގައެވެ. މިގޮތުން ޓީމަށް އިތުރު ބާރެއް ގެނައުމަށްޓަކައި، މިދިޔަ އަހަރުވެސް ކޭޑީ އަށް ކުޅުނު ރ. ދުވާފަރު ފުޓްސަލް ޓީމުގެ މުހިންމު ކުޅުންތެރިއެއް އަދި ރ. އަތޮޅުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އިސާމް (ސަންޓޭ) މި ފަހަރުވެސް ޓީމުގައި ހިމެނޭނެއެވެ. މީގެ އިތުރުން އިބްރާހީމް އިސްމާއިލް (ޕޮލިސް މަލާ) އާއި މިދިޔަ އަރުގެ ރަނަރަޕް ބީސީ ބޯއީސް އަށް ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ މިފްރާހް ވަހީދު (މިއްޕެ) ވެސް މިފަހަރުގެ ޓީމުން ފެނިގެންދާނެއެވެ.
ކޭޑީ އެފް ޓީ އިން މިފަހަރުގެ މުބާރާތަށް ތައްޔާރުވަމުން އަންނަނީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދީ، ޓީމުގެ މުސްތަގުބަލަށް އިންވެސްޓް ކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި ކޭޑީ އެފް ޓީ އިން ކުޅޭ ކުޅުމަށް އުނގޫފާރުގެ ފުޓްސަލްގެ ބެލުންތެރިން ވަރަށް ބޮޑު އިންތިޒާރެއް ކޮށްލާނެކަން ކަށަވަރެވެ.