މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ އުތުރު ސަރަޙައްދުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާން ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިވަގުތު ވައިގަދަވުމުގެ ސަބަބުން، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލުކަމުގެ ނިޝާން ނެރެފައިވެއެވެ. މި ސަމާލުކަމުގެ ނިޝާން ދެމިއޮންނާނީ މިއަދުގެ މެންދުރުފަހު 14:30 އާ ހަމައަށެވެ.
މި މުއްދަތުގެ ތެރޭގައި، ގަޑިއަކު 19 އާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު، ވިއްސާރައިގެ ވިލާގަނޑުތަކުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވުން އެކަށީގެންވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި، މެދުރާއްޖެތެރެއާއި އުތުރުގެ އެކި ސަރަޙައްދުތަކަށް ވިއްސާރަވެ، ގުގުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ހަމައެހެންމެ، ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކޮށް، ގުގުރުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.
ވައިގެ ޙާލަތަށް ބަލާއިރު، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 އާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެނިހެން ސަރަޙައްދުތަކަށް ގަޑިއަކު 13 އާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި ވިއްސާރައިގެ ވިލާގަނޑުތަކުގައި ގާތްގަނޑަކަށް ގަޑިއަކު 40 އާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
ވީމާ، މި މުއްދަތުގެ ތެރޭގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސް ކުރަމެވެ.