ދުބާއީގައި ހުޅުވާ އޭއަި ރެސްޓޯރަންޓް “ފިއުޗަރ ޑައިނިން” ގެ ކޮންސެޕްޓަށް ހަދާފައިވާ “ވޫހޫ” (WOOHOO) ހުޅުވަން ތައްޔާރުވެއްޖެއެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި ސެޕްޓެމްބަރު ގައި ހުޅުވުމަށް ތައްޔާރު ވަމުންދާ މި ރެސްޓޯރެންޓްގެ މެނޫ އާއި، އެންބިއެންސް އާއި، ސަރވިސް ފަދަ ކަންކަން ޑިޒައިންކުރަނީ “ޝެފް އައިމަން” ކިޔާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލަކުންނެވެ.
“ޝެފް އައިމަން” އަކީ ކާނާގެ ސައިންސާއި، މޮލިކިއުލަރ ކޮމްޕޮޒިޝަންގެ މައުލޫމާތާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 1000 އަށްވުރެ ގިނަ ރެސިޕީން ތަމްރީނުކުރެވިފައިވާ ބޮޑު ލެންގުއޭޖް މޮޑެލެކެވެ. އައިމަން މަސައްކަތްކުރަނީ ކާނާގެ ބައިތައް (ޓެކްސްޗަރ، އެސިޑިޓީ) ވަކިކޮށް، އެއަށްފަހު އާދަޔާ ޚިލާފު ރަހަތަކާއި ބޭނުންކުރާ ތަކެތީގެ ކޮމްބިނޭޝަންތައް ހަދައިގެންނެވެ.
އައިމަން ހަދާ ރެސިޕީތައް އިތުރަށް ހަރުދަނާކުރުމަށް، ޑުބާއީގެ މަޝްހޫރު ޝެފް ރައިފް އޮތުމަންގެ އިރުޝާދުގެ ދަށުން، މީހުން މަސައްކަތްކުރާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ. އައިމަންގެ މަގުސަދަކީ އިންސާނުން ކައްކާ ގޮތް ބަދަލުކުރުން ނޫން ކަމަށާއި، ބަދަލުގައި އީޖާދީ ހިޔާލުތަކަށް އިތުރު ބާރެއް ގެނައުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.