ހަބަރު: ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މެޓް ލަފާކުރައްވައިފި
ގައުމީ މޫސުމާބެހޭ އިދާރާ (މެޓް) އިން ލަފާދެއްވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަވާނެއެވެ. މެޓް އޮފީހުން ބުނިގޮތުގައ މިދުވަސްވަރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މެދުރާއްޖެތެރެއާއި ދެކުނަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރައްވާއިރު، އެއީ މާބޮޑު ވިއްސާރައެއް ނޫން ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ. އުތުރު ސަރަޙައްދުތަކަށް މޫސުން އެހާބޮޑަށް ގޯސްނުވާނެ ކަމަށާއި، އެހެންނަމަވެސް ދޭތެރެދޭތެރެއިން ވާރޭވެހުމުގެ ފުރުސަތު އޮންނާނެކަމަށް ލަފާދެއްވިއެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރެވޭ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެކުނާއި މެދުރާއްޖެތެރެއަށް ވެސް ވައިގަދަވާނެ ކަމަށާއި ގަނޑުތައް ވެސް ގަދަވާނެ ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ވާރޭވެހުމާއި، ގަދަވައި އަދި ގަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާދެއްވާތީ، ރައްޔިތުން ވެސް މޫސުމަށް ސަމާލުވުން މުހިންމެވެ.